އ.ދ. ގެ އާންމު މަޖިލީހުގެ ކޮމެޓީއެއްގެ މުގައްރިރުގެ ނައިބުގެ މަގާމަށް ރާއްޖެ

2 ޖޫން 2026 ، 20:06

އ.ދ. ގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ.

އ.ދ. ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އިންތިޚާބުގައި، މި މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވީ، އާންމު މަޖިލީހުގެ އިއްތިފާގުންނެވެ.

އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެ އިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލް ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން އެވެ. އ.ދ. ގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެއެވެ. އ.ދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށްދާނީ 2026 ސެޕްޓެމްބަރ އިން 2027 ސެޕްޓެމްބަރ އަށެވެ.

މި މަގާމަށް ރާއްޖެއިން އިންތިޚާބުވުމުން ހާމަވެގެންދަނީ އ.ދ. ގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ކުރާ އިތުބާރެވެ. އަދި ދިވެހިރާއްޖެ މި މަގާމަށް އިންތިޚާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ދިވެހިރާއްޖެ އިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.